ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ސޮއިކުރަން ފަށައިފި އެވެ.
އެފްޑީސީން އަންގާ ތަރުތީބުން އެއްބަސްވުންތަކުގައި ސޮއިކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިފަ އެވެ. ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 4:00 އަށް ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.
ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުން އަންނަ އެ ފްލެޓްތަކުގެ ދާއިމީ ލިސްޓް ކުރީގެ ސަރުކާރުން ވަނީ ގެޒެޓްކޮށްފަ އެވެ. މި ސަރުކާރުގެ ނިންމުމަކީ އެ ލިސްޓަށް ފްލެޓް ދޫކުރުމެވެ.
ފްލެޓް ލިސްޓް އިއުލާންކުރީ ކުރީގެ ސަރުކާރު ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު 15، 2023 ގަ އެވެ. އެ ލިސްޓާ ގުޅިގެން ޝަކުވާ ފެންމަތިކޮށް އޭސީސީއަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެ ކޮމިޝަނުގެ ތަހުގީގަށް ފަހު ބުނެފައި ވަނީ ޝަރުތު ހަމަނުވާ ގިނަ ބަޔަކު ލިސްޓުގައި ހިމެނޭ ކަމަށެވެ.
އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އޭރު އިއުލާންކުރި ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ހުށަހެޅި މައުލޫމާތު ވެރިފައި ކުރިއިރު، ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާފައިވާ ކަމަށެވެ.


