ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވެއްޖެ

ދައުލަތައް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާއި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.

ހަސަން ޞާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޙަސަން ޞާބިރަށް އެރުވުމުން އިއްޒަތާ އާޢިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ ޙަސަން ޞާބިރުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދެވި "ނޭޝަނަލް ޕްލޭނިން އެޖެންސީ" ގައި 1978 ވަނަ އަހަރު އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމަށް ހަމަޖެއްސެވިއެވެ.

އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދަވައިގެން ވަޑައިގެން ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަޤާމުގައި ހުންނަވައިގެން ފެއްޓވި އެންމެ މުހިއްމު މަސަކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުން ތައްޔާރުކުރުމެވެ. ރާއްޖެއަށް ފުރަތަމަ ގެނުވި ކޮމްޕިއުޓަރ ގެނެސްފައިވަނީ އެ މަސައްކަތައްޓަކައެވެ. އެންމެ ޚާއްސަ ގެޮތެއްގައި ފާހަގަކޮށްލެވެނީ ހަމައެކަނި ދިވެހީނަނަށް އިސްކަންދެއްވައިގެން އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ ޙަސަން ޞާބިރުއެވެ.

ހަސަން ޞާބިރު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެންވެސް އެ ދާއިރާތަކުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 1500 ޓަނުގެ މަސްފިނުކުރެވޭ ކާރުޚާނާއެއްފެ ބިންގާއި ކޫއްޑޫގައި އަޅުއްވައިދެއްވުމާއި ރާއްޖޭގައި އެއް މިލިަޔން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދަނޑުވެރިކަމަށްތަކައި ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެއްޓެވީވެސް އެމަނިކުފާނުގެ ވަޒީރުކަމުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުވުމަށ ްމުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކެޕޭސިތީ ބިލްޑް ކުރެއްވުމަށާއި "ސަނީ ސައިޑް އޮފް ލައިފް"ގެ މޮޓީގެ ދަށުން ކުރައްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ޙަސަން ޞާބިރަކީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮލު އިތުރުބުރީގެ މެންބަރުކަން 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 އިން 2005 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަކަށް އަދާކުރައްވާފައވެ. އެހެންކަމުން ބަރުލަމާނީ ހަޔާތުގައިވެސް ޞާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. 2004 ވަނަ އހަރު ކުރިމަތިވި ސުނާމީ ކާރިސާގާއި ރައްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެހީ ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. މިނޫނަސް ޞާބިރަކީ ދިވެހި ރާއްޖެއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރައްވާ އަދި މިޙާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކވެ. މިގޮތުން މިހާރު ދަޢުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރު ވަނީ ވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *