ރާއްޖޭގެ ލީޑަރުންނާއިއެކު ބިނާކުރަނިވި މަޝްވަރާތައް ކުރުމަށް ތައްޔާރު: ލަންކާ ރައީސް

ރާއްޖޭގެ ލީޑަރުންނާއިއެކު ބިނާކުރަނިވި މަޝްވަރާތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވިދާޅުވެއްޖެއެެވެ.

ލަންކާގެ ރައީސް މިގޮތަށް ވިދާޅުވީ މިއަދު ރާއްޖެ ވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި އެމަނިކުފާނު ވަނީ ލަންކާއާއި ރާއްޖެއާއި ދެމެދު އެއްބާރުލުން ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި ރާއްޖޭގެ އެހެން ލީޑަރުންނާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއާއި ލަންކާއާއި ދޭތެރޭގައި އޮންނަ އެއްބާރުލުން އިތުރުކުރުވާނެ ބައެއް އެއްބަސްވުންތަކުގައިވެސް ސޮއިކުރައްވަން ހަމަޖެހިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު ހެނދުނު ރައީސް ޑިސަނާޔަކެއަށް އިސްތިގުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެ މަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސް މުޢިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް ޑިސަނާޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސް މެއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *