ދުންފަތުގެ ބާވަތްތައް ވިއްކަން މިހާތަނަށް 200 އަށްވުރެ ގިނަ ލައިސެންސް

ދުންފަތުގެ ބާވަތްތައް ވިއްކުމަށް 200 އަށްވުރެ ގިނަ ލައިސެންސް ދޫކޮށްފި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލުކުރަން ފެށުމުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެހެންވެ، އެ ހުއްދަ ހޯދުމަށް ހެލްތު މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު އިއުލާންކޮށް، ތިން މަސް ދުވަހުގެ މުއްދަތެއް ދިނެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ މަހުގެ 17 ގައި އެ މުއްދަތު ހަމަވިއިރު ކެފޭ/ރެސްޓޯރަންޓު ހިމެނޭ ގޮތަށް ދުންފަތުގެ ލައިސެންސަށް 767 ފަރާތަކުން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 652 ފޯމުގެ ވެރިފިކޭޝަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

– ސިނގިރޭޓު ވިއްކުމުގެ ލައިސެންސަށް އެދި 608 ފަރާތަކުން

– ޓޮބޭކޯގެ އާ އުފެއްދުން ރަޖިސްޓްރޭޝަނަށް 15 ފަރާތަކުން

– ޓޮބޭކޯ އިމްޕޯޓު ކުރުމުގެ ލައިސެންސަށް 28 ފަރާތަކުން

– ޓޮބޭކޯ ރޯ-އެކްސްޕޯޓު ލައިސެންސަށް އެއް ފަރާތަކުން

އެ އިދާރާއިން ބުނީ 244 ފޯމެއް، އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާތީ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އިސްލާހުކުރަންޖެހޭ ބައެއް ކަންކަން ހުރުމުން 177 ފޯމު މި ވަގުތު ހިފަހައްޓާފައިވާ ކަމަށް ބުންޏެވެ.

އެ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު މި ވަގުތަށް ލައިސެންސް ދޫކޮށްފައިވަނީ 209 ތަނަކަށެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގައި ބުނީ ދުންފަތުގެ ވިޔަފާރިއަށް ހަތަރު ލައިސަންސެއް ބޭނުންވާ ކަމަށެވެ. އެއީ؛

– ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް

– ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސް

– ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް

– ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީ ކުރުން

އެ ލައިސަންސްތައް ދޫކުރާނީ، އެކަމަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމުން ފަސް އަހަރަށް ކަމަށެވެ. ލައިސަންސް އާ ކުރަން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ.

ދުންފަތް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމަށް ހަމަޖައްސާފައިވަނީ 5،000ރ. ގެ ފީ އެކެވެ. އަދި އާ ކުރުމަށް ވެސް އެ އަގު ދައްކަންޖެހެ އެވެ. ދުންފަތް އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމަށް 10،000ރ. ފީއެއް އަދި ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ނަގާ ހުއްދަތަކަށް ވެސް 10،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.

އެ މުއްދަތުގެ ފަހުން، އެ ހުއްދަ ނެތި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާކަމެކެވެ. ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކޮށްފި ނަމަ ލައިސެންސް ބާތިލް ކުރާނެ އެވެ.

ގާނޫނުގައިވާ ގޮތުން ހުއްދަ ނުނަގާ، އުސޫލާ ހިލާފަށް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ނަމަ 1،000-1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *