ޓޫރިޒަމް ޓްރަސްޓް ފަންޑް ބަލަހައްޓަން 7 މެންބަރުންގެ ބޯޑެއް އެކުލަވާލަނީ

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، މާލީ އެހީތެރިކަން ފޯރުކޮށްދޭން ގާއިމްކޮށްފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން ހަތް މެންބަރުންގެ ބޯޑެއް އެކުލަވާލަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި 'ޓޫރިޒަމް ޓްރަސްޓް ފަންޑާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެ ފަންޑު ހިންގާނީ ޓޫރިޒަމް މިނިސްޓަރު އައްޔަންކުރާ، ވަކި ދާއިރާތަކެއް ތަމްސީލުކުރާ ހަތް މެމްބަރުން ހިމެނޭ ކޮމިޓީއަކުންނެވެ. އެ ހަތް މެމްބަރުން ތަމްސީލުކުރާނެ ދާއިރާތަކަކީ، ރައީސް އޮފީސް، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އޭޖީ އޮފީސް، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މީރާއެވެ.

ގަަވައިދުގައިވާ ގޮތުން ކޮމެޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރާނީ އެ އިރެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަ ބޭފުޅެކެވެ. މި ކޮމެޓީގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޓްރަސްޓް ފަންޑުން ޓޫރިޒަމް ސިނާއަތަށް މާލީ އެހީ ދޭން މަގުފަހިކޮށް، ހަރަދުތައް ބަލަހައްޓައި، ފަންޑުގެ ފައިސާއާ މެދު އަމަލުކުރާނެ ގޮތް ނިންމުމެވެ.

މި ފަންޑު ހިންގާއިރު ކޮންމެ އަހަރަކު ވެސް މާލީ ރިޕޯޓާއި އަހަރީ ރިޕޯޓެއް އެކުލާވާލާ ރައްޔިތުންގެ މަޖިލިސް، އޮޑިޓާ ޖެނެރަލް، ފިނޭންސް އަދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *