އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 80 ޕަސެންޓުން ކާމިޔާބު ކުރާނީ ސަރުކާރު ހިންގާ ޕީއެންސީން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ކައުންސިލްތަކުގެ ބާރު ކަނޑުވާލަން އުޅޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކައުންސިލްތަކަށް ލިބިފައިވާ ޙައްޤުތައް ނިގުޅައިގަންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫޅުއްވާ ކަމަށެވެ.
އިޞްލާޙުތަކުގެ ދަށުން، ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ކުރިން މުވައްޒަފުން ނެގުމާއި ބިންތައް ކުއްޔަށް ދޫކުރުން ފަދަ ކަންކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
މިއީ އިދިކޮޅު އެމްޑީޕީން ވެސް ތާއީދު ކުރަންޖެހޭނެ ކަމެއް. އެ ބޭފުޅުންނަށް އެނގޭނެ ﷲ ގެ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު، ޝައްކެތް ނެތް 80 ޕަސެންޓު ކާމިޔާބު ކުރާނީ ޕީއެންސީން. އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ.
ފަލާހު ވިދާޅުވި ގޮތުގައި، ވެރިކަން ވިޔަސް އަދި ކައުންސިލްތައް ވިޔަސް އިންތިހާބަށް އެއް އަހަރު ވުމުން ކުރާ ކަމަކީ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވެ ކެމްޕޭން ކުރުން ކަމަށެވެ. އަދި އެ އިންތިހާބެއް ކާމިޔާބު ކުރުމަށް ބައެއް ކައުންސިލްތަކުން ރަށްރަށުގައި ހުންނަ މުހިންމު ބިންތައް ދޫކުރުމާއި މުވައްޒަފުން ނެގުން ފަދަ ކަންކަން ކުރާކަމަށް ފަލާހު ވިދާޅުވި އެވެ. މިއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ގާނޫނަށް ގެންނަ އިސްލާހުން މިކަން ހުއްޓުވޭނެކަމަށް ފަލާހު ވިދާޅުވި އެވެ.


