މީޑިއާ ކޮމިޝަނުގެ ބިލަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ބިލެއްކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާތައް އެއް މުއައްސަސާއަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ނާޒިމް ވިދާޅުވީ، މި ބިލަކީ މީގެ ކުރިންވެސް މަޖިލީހަށް ހުށަހެޅިފައިވާ ބިލެއް ކަމަށާއި، އެފަހަރު ބިލު އަނބުރާ ގެންދެވުމާ ގުޅިގެން މި ބިލާ ބެހޭ ގޮތުން ގިނަ ރިސާޗްތަކެއް ހެދުމުގައި އޭނާވެސް ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުށަހެޅިފައިވާ ބިލުގައި ފިންލެންޑާއި ސްވިޑަންގެ އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސަރވިސްގެ ބިލާއި، އިނގިރޭސިވިލާތުގެ މީޑިއާ އެކްޓް 2024ގެ މައިގަނޑު ބައިތައް ހިމެނެއެވެ.
މީގެ އިތުރުން، ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ޑައިރެކްޓިވްތަކާއި، އައިލެންޑްގެ އޮންލައިން ސޭފްޓީ އެންޑް މީޑިއާ ރެގިއުލޭޝަން އެކްޓް 2022، އަދި ސިންގަޕޫރުގެ ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސް އެންޑް މެނިޕިއުލޭޝަން އެކްޓް 2019 (ޕޮފްމާ) ގެ މައިގަނޑު ބައިތަކަށް މި ބިލު ކޮމްޕްލައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭގޮތުން މީޑިއާތަކުން ނެރެމުންދާ ބައެއް ހަބަރުތަކަކީ ހަގީގަތާ ޚިލާފު ހަބަރުތައް ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ބިލުން އުފަންކުރަން ހުށަހަޅާ ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުން ކަމަށާއި، އަނެއް ހަތަރު މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މީޑިއާތަކުން އައްޔަންކުރާ ބޭފުޅުން ކަމަށެވެ.
އެހެންވެ ކޮމިޝަންގެ ރިޔާސަތުގައި ކޮންމެ ބޭފުޅަކު ހުއްޓަސް، މެޖޯރިޓީ އޮންނާނީ މީޑިއާ ތަމްސީލުކުރާ މެންބަރުންނަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.


