އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، މިނިވަންކަމާއެކު އެކަން ކުރެވޭނޭ މާޙައުލެއް ޤާއިމުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް ގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު އިންސާނީއްޔާތުކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުނިޔޭގެ އެކި ޙިސާބުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ކާރިޘާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދިވެހިރާއްޖެއިން ސާބަސްދޭ ކަމަށެވެ. ޚާއްޞަ ގޮތެއްގައި، ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ މުހިންމު މަސައްކަތް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަމުން އަންނަ ޤުރުބާނީ އަކީ އިންސާނިއްޔަތުގެ ރޫޙު ދައްކުވައިދޭ މަސައްކަތެއް ކަމަށެވެ. މިކަމަކީ ދުނިޔޭގައި ޞުލްޙަވެރިކަމާއި އިންޞާފު ޤާއިމުވުމަށް މަގުފަހިވެގެންދާ ކަމެއް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވީމާ، އިންސާނީ އެހީތެރީންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ކަށަވަރުކޮށްދީ، ނާޒުކު އާބާދީތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރުން ލާޒިމު ކަމެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޣައްޒާގެ ޙާލަތު ރައީސްގެ މިއަދުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ އިރު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މީގެ ކުރީން ވެސް ރައީސް ކުށްވެރި ކުރައްވާފައިވެއެވެ. ހަމައެހެންމެ، ޣައްޒާއަށް ފުދުންތެރިކަން ކަށަވަރުވާ މިންވަރަށް އެހީ އެތެރެކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ބާރުއެޅުމަށް ވެސް ދިވެހިރާއްޖެއިން ވަނީ ގޮވާލައިފައެވެ.
ދުނިޔޭ އިންސާނިއްޔަތުކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، މިއަހަރުގެ ޝިޢާރަކީ "Act for Humanity" ނުވަތަ "އިންސާނީއްޔަތަށްޓަކައި ފިޔަވަޅު އަޅާ!" މިއެވެ. މި ޝިޢާރުގެ މަޤުޞަދަކީ އިންސާނީ އެހީ ދިނުމަށް މާލީ އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބާރުއެޅުމާއި، ދުނިޔޭގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލުމެވެ.
އ.ދ. ގެ ތަފާސްޙިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އެކަނިވެސް އިންސާނީ އެހީ ފޯރުކޮށްދެމުން ދިޔަ 380 ފަރާތެއް މަރާލާފައިވެއެވެ. އަދި އެތަށް ބަޔަކަށް އަނިޔާ ދީފައިވެއެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެކުރުން އިސްރާއީލުން މިހާރު މަނާކޮށްފައިވުމަކީ ވެސް އިންސާނިއްޔަތާ ދެކޮޅަށް ކުރަމުން އަންނަ ޢަމަލެއްކަން ފާހަގަކުރަމެވެ.


