މީޑިއާ ރެގިއުލޭޓަރީ ބިލު ފާސްކުރުމުގެ ކުރިން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި މަޖިލީހުން އެއަށް އިޖާބަ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ ބިލެކެވެ. މި ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ވަގުތު ނޫސްވެރިން ވަނީ އަނގަމަތީގައި އަތްއަޅައިގެން ތިބެ މަޖިލީހުގައި އިޙްތިޖާޖް ކޮށްފައެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅުވައިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މި ބިލާ ގުޅޭގޮތުން ނޫސްވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ މުހިންމު ކަންތައްތަކެއް ކަމަށެވެ.
އެގޮތުން ޖޫރިމަނާތަކާ ގުޅޭގޮތުންނާއި، ނަހަމަގޮތުގައި ބޭނުންކުރެވިދާނެ ފަދަ ސާފުނޫން ބަސްމަގުތަކާއި، އަދި އަދަބު ދިނުމުގެ އުސޫލުތަކާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް އަޅާނުލާ ދޫކޮށްލައިގެން ނުވާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
އެހެންނަމަވެސް މި ބިލުން ވަރަށް މުހިންމު ބަދަލުތަކެއް ގެނެސްދޭ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
މި ބިލުގެ ސަބަބުން މިހާރު ވަކިވަކިން ހިނގަމުންދާ ދެ މުއައްސަސާގެ ބަދަލުގައި، ޗާޕު މީޑިއާ އަދި ބްރޯޑްކާސްޓް މީޑިއާގެ ރެގިއުލޭޝަން އެއް ކޮމިޝަނެއްގެ ދަށަށް ގެނެސްދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިހާރުގެ ބްރޯޑްކާސްޓް ކޮމިޝަނަށް މެންބަރުން އައްޔަންކުރަނީ ހަމައެކަނި ރައީސް ކަމަށްވެފައި، އެ މެމްބަރުން އައްޔަނުކުރުން މަޖިލީހުން ފާސްކުރާ ގޮތަށް އޮތްނަމަވެސް، މިއާ ޚިލާފަށް އައު ކޮމިޝަނުގައި ހަތް މެމްބަރުން ހިމެނޭނެ ކަމަށް އަޒާން ފާހަގަ ކުރެއްވިއެވެ.
އޭގެ ތެރެއިން ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާގެ ދާއިރާއިން ކަމަށްވީއިރު، އަދި ތިން މެންބަރުން ނޮމިނޭޓްކުރާނީ ސަރުކާރުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ބިލުގައި ވާގޮތުންނަމަ ކޮމިޝަނުގެ ރައީސް ވޯޓު ދޭނީ ހަމައެކަނި އެއްވަރުވެއްޖެ ހާލަތެއްގައި އެކަނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ މި ބަދަލުގެ ސަބަބުން މީޑިއާގެ އަޣުލަބިއްޔަތު ދެމެހެއްޓޭނެ ކަމަށެވެ.
މީގެ އިތުރުން، މި ބިލުން ދޮގު މަޢުލޫމާތާ ގުޅޭ މައްސަލަތައް ބެލުމަށް މީޑިއާގެ ދާއިރާއިން އިންތިޚާބުކުރެވޭ ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ ދާއިމީ އެޖުޑިކޭޝަން ކޮމިޓީއެއް އުފައްދާނެ ކަމަށްވެސް އަޒާން ފާހަގަކުރެއްވިއެވެ.
އަދި މިހާރު ސަރުކާރުގެ މިނިސްޓްރީއަކުން ބަލަހައްޓަމުންދާ މީޑިއާ ރަޖިސްޓްރޭޝަންގެ މަސައްކަތް މި ބިލުގެ ސަބަބުން އައު ކޮމިޝަނަށް ބަދަލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބިލާއެކު މުހިންމު ބަދަކުތަކެއް ގެނެވޭނެ ނަމަވެސް، މި ބިލް ފާސްކުރުމުގެ ކުރިން މަޖިލީހުން މީޑިއާ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އަޑުއަހައި އިޖާބަ ދޭނެ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.


