ނެޓްފިލްކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑް މުގުރާލާފައިވާ "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލާ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އައްޔަންކޮށްފި އެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭއިރު، މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމުގެ ފުރުސަތު ލިބޭނެކަމަށް ވީއެމްސީން ބުންޏެވެ.
ވީއެމްސީން ބުނީ، 27 އޯގަސްޓު އިން 15 ސެޕްޓެމްބަރުގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށާއި، އެ ދަތުރުގައި ރާއްޖޭގެ މަޖާ ކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދިނުމުގެ ހަރަކާތްތަކެއްގައި ބައިވެރިވާނެ ކަމަށެވެ.
ނެޓްފްލިކްސްގެ "ވަން ޕީސް" ވަނީ މި ސްޓްރީމިން ޕްލެޓްފޯމް ކުރިން ނުދެކޭފަދަ ކާމިޔާބީއެއް ހޯދާފަ އެވެ. މި ސީރީޒް ނެރުމާއެކު، 84 ގައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ އަށްވެ، އޭގެ ކުރިން "ވެންސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ.


