އއ. މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމަށް މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން ޒުވާނުންގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް އަދި އެކަކުގެ ބަންދަށް ކޯޓުން ފަސް ދުވަސް އިއްޔެ ދީފި އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ:
1- މުހައްމަދު ވިޝާމް، 22 އަހަރު (ލިލީފެހި، މާޅޮސް)
2- އަހުމަދު ފާރިސް، 27 އަހަރު (ފިނިވާގެ، މާޅޮސް)
3- އަހުމަދު އާޝިދު، 27 އަހަރު (ފިޔަ، މާޅޮސް)
އިއްޔެ ރޭ ދަންވަރު އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. އާޝިދުގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
މީގެ ތެރެއިން އާޝިދު ބަންދުކުރީ މާލެއިންނެވެ.
އަބްދުއްރަހުމާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ފާރިސް، އަބްދުއްރަހްމާނަށް ހަމަލާދީފައި އޮތްކަން މީހުންނަށް އެނގުމުގެ މާ ކުރިން އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅާފައި އޮތް ކަމަށާއި ގުޅީ ކީއްކުރަންތޯ އެހުމުން އެއީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނެފައިވާކަން ވަނީ އެނގިފަ އެވެ.
ފާރިސްއަކީ އަބްދުއްރަހްމާންގެ ދަރިއަށް ގުޅާ މީހެއް ވެސް ނޫން ކަމަށާއި ކޯލް މިސްވެފައި އޮތުމުން ފަހުން ގުޅުމުން އޭރު ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނި ކަމަށް ވެ އެވެ.
ވަރަށް ގާތްކޮށް ރަށުތެރޭގައި އުޅޭ އެ ތިން ޒުވާނުންގެ ތެރެއިން ފާރިސް، އަބްދުއްރަހުމާންގެ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ކަމަށް ބުނެ ގުޅި ވަގުތަކީ އަދި ހަމަލާ ދިންކަން މީހުންނަށް އެނގުމުގެ މާ ކުރި އެވެ.
އަބްދުއްރަހުމާންގެ ތިން ކުދިން ވެސް އެ ދުވަސްކޮޅު އުޅުނީ މާލޭގަ އެވެ.


