ރަނިލްއަށް އައިސީޔޫގައި ފަރުވާދެނީ

ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ޞީއްޙީ ޙާލަތު ގޯސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ސްރީލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އިއްޔެ ރަނިލް ހައްޔަރުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީލަންކަން ރުޕީސް (ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު) ޚަރަދުކުރައްވައިގެން އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގެ މައްސަލައިގައެވެ.

އެ މައްސަލާގައި އަންނަ އަންގާރަ ދުވަހާ ހަމައަށް އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު، ކޮލަމްބޯގައި ހުންނަ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ރަނިލްއަށް މިއަދު ފަރުވާދޭން ފެށީ ޖަލުގެ ހޮސްޕިޓަލްގައި ފަރުވާ ދެވޭ މިންވަރަށް ވުރެ އޭނާގެ ޙާލަތު ގޯސްވުމުންކަމަށާއި އިއްޔެ އޭނާގެ ބަންދު މުއްދަތު ކޯޓުން އިތުރުކުރުމުންވެސް ޖަލުގެ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދީފައިވާކަމަށް ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ.

ލަންކާގެ އިޤްތިޞާދީ ކާރިސާއިން އަރައިގަތުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ރަނިލް ވިކްރަމަސިންހައަކީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އެ ޤައުމުގެ ރައީސްކަން ކުރެއްވި އަދި އޭގެ ކުރިން ބޮޑުވަޒީރުކަން ވެސް ކުރެއްވި ސިޔާސީ ލީޑަރެކެވެ. އެހެންނަމަވެސް، އޭނާއަކީ ލަންކާގެ ފަހުގެ ތާރީޚުގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހައްޔަރުކުރެވުނު ފުރަތަމަ ރައީސްކަމުގައި ވެސް ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *