ރައީސްއަށް ޗައިނާއިން ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމުން، އެގައުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެޤައުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް ވާންގ ޒިޔާންގޒީއެވެ. އަދި އަރިހުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ.ފަޒީލް ނަޖީބްއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ރައީސްއަށް މަރުޙަބާ ދެންނެވުމަށް ބެއިންޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮނަރގާޑެއްވަނީ އަރުވާފައެވެ. އަދި ސަޤާފީ ޙަރަކާތްތަކެއްވަނީ ކުރިއަށްގެންދަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަކީން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ 6 ޤައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. އަދި އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *