ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމުގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަޔާތުގެ އެންމެ ފަހު އުންމީދަކީ މިސްކިތެއް ބިނާކުރެއްވުންކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން މިނިސްޓަރު ޝަހީމް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނަކީ މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއްކަމަށާއި، އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިންވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީވެސް މިސްކިތެއް ބިނާކުރެއްވުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައިވޭ" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އެމަނިކުފާނުގެ އެދިލެއްވުމަށް އެކަމަށް ހުޅުމާލެ ސަރަހައްދުގައި މިހާރު ޖާގައެއްވެސް ހަމަޖައްސާފައިވާކަމަށެވެ.
އެމްޔޫ މަނިކު އަވަހަރާވުމަކީ މުޅި ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ހިތާމައެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެމްޔޫ މަނިކަކީ 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތު ފެށިގެން އައި ދުވަސްވަރު، އެ ސިނާއަތު ކުރިއެރުވުމަށް އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅާއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ފުރިހަމަ ރިސޯޓް ކަމުގައިވާ ކުރުނބާ ވިލެޖް ހުޅުއްވައިދެއްވީ އޭނާއެވެ. އެމްޔޫ މަނިކަށް ޓޫރިޒަމްގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ.


