ފުލުހުންނަކީ އަބަދުވެސް ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ވާންޖެހޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
މިއީ 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ދައްކަވާފައިވާ ވާހަކަފުޅެކެވެ.
ސީޕީ ނަވީން ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެކަމަށާއި، އިންސާފުވެރިކަމާއި ލޯތްބާއިއެކު ޚިދުމަތްކުރަންވާނެކަމަށެވެ.
"މިއީ ތިޔަ ފުލުހުންގެ އަސްލު ދަތުރުގެ ފެށުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރުމަށް ތިޔަ ފުލުހުން މިހާރު މިވަނީ ތައްޔާރުވެފައި. ޔުނީފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން. މިއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން," ސީޕީ ނަވީން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތަކުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޕްރޮފެޝަނަލްކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި އަދި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ މުހިންމުކަން ސީޕީ ނަވީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގަޑިއަށް ބޯލެނބުމަކީ ދިވެހި ފުލުހުންގެ ހުންނަންޖެހޭ ވަރަށް މުހިންމު ސިފައެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ފުލުހުންނަކީ މުޖްތަމައުގެ ބަލަދުވެރިންގެ ގޮތުގައި ސީޕީ ނަވީން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ތަމްރީން ފުރިހަމަކުރި ބައިވެރިން ވާންވާނީ ފުލުހުންގެ އިއްޒަތާއި ގަދަރު ހިފަހައްޓާ ބަޔަކަށްކަމަށް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފައެވެ.


