ޢުލު ބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުންނަށް: ފަލާހު

އުލުބޭންދުން އެ ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ނޫސްވެރިން އުލުބައިންދަން ވިދާޅުވި މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ހިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައިގައި ޕީޖީގެ ލަފަޔަކަށް އެދުމަށް ހުށަހެޅުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

"އަޅުގަނޑު ޖަލުގައި އުޅޭ ނަމަ އެތާނގެ ރަހްމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަން ކުރި ރައީސުންނާ އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުން އަދި އެންމެ ގިނަ ވާނީ ނޫސްވެރިން،" ފަލާހު ވިދާޅުވިއެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ފަލާހު ފާހަގަކުރައްވާފައިވަނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވެ އެފަދަ ވާހަކަތައް ދައްކާފައިވާ އިތުރު ބަޔަކު މި ގައުމުގައި ނޫޅޭނެ ކަމަށެވެ.

ފަލާހު ނޫސްވެރިން އުލުބޭންދުމަށް ވިދާޅުވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ބަހުސްކުރައްވަމުންނެވެ.

އެ ބިލުގެ ސަބަބުން ކުށެއް ނެތް އެއްވެސް ނޫސްވެރިއެއް ޖަލަށް ނުލާނެ ކަމަށާއި، ބައެއް ނޫސްވެރިންގެ އަމަލުތައް ހުންނަ ގޮތުން ޖަލަށް ލުމުގެ ބަދަލުގައި އުލުބައިންދަންވީ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފުލުހުން ބުނިގޮތުގައި، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން ހުށަހަޅާފައިވާ މި މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، އިއްޔެ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *