މިނިސްޓަރ ޠާރިޤް އޭޝިއާ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގެ ނާއިބު ރައީސްކަމަށް އިންތިޚާބުވެއްޖެ

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް  ޠާރިޤް އިބްރާހީމް، އޭޝިއާ ޕެސިފިކްގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ ފޯރަމްގެ ހަވަނަ ސެޝަންގެ މިނިސްޓީރިއަލް ސެގްމެންޓްގެ ބިއުރޯގެ ނާއިބު ރައީސްކަމަށް އިންތިޚާބު ވެއްޖެއެވެ.

”މި ފޯރަމްގެ ބިއުރޯގެ ނާއިބު ރައީސްކަމުގެ މަޤާމު ރާއްޖެއަށް ލިބުމަކީ، މި ސަރަޙައްދުގައި ތިމާވެށީގެ ސިޔާސަތުތައް އެކުލަވާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށް ބެލެވޭ“ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނެފައި ވެއެވެ.

މި މަޤާމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް އިންތިޚާބުވެފައި ވަނީ، އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުން ވޯޓުދީގެންނެވެ.

”މިއީ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ މަސްރަޙުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ގަދަރެއް“ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނެފައި ވެއެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންވަޔަރަންމަންޓް އޮތޯރިޓީތަކާއި މިނިސްޓަރުންގެ މި ފޯރަމަކީ، ސަރަޙައްދީ ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށް މަޝްވަރާކޮށް ގޮތްތައް ނިންމާ މުހިއްމު މަންސައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *