އަފްޣާނިސްތާނަށް އިއްޔެ ރޭ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 800 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ބިންހެލުމުގެ ސަބަބުން 2800 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އޮފިޝަލުން ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރު އަދިވެސް ދީފައެވެ.
މިނިސްޓްރީ އޮފް އިންޓީރިއާ އެފެއާޒްގެ ތަރުޖަމާނު އަބްދުލް މަތީން ޣަނީ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ސަލާމަތީ ޓީމުތައް އެހީ އަވަސް ކުރުމަށް އެއްކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ފުރިހަމަ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. ޑިފެންސް މިނިސްޓްރީން ބުނީ ކާރިސާގެ ފަހުން ކުރިމަތިވި ހޮސްޕިޓަލްތަކަށް އެހީތެރިވުމަށް 30 ޑޮކްޓަރުންނާއި 800 ކިލޯގެ މެޑިކަލް ސާމާނު ކުނާރު ސަރަހައްދަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަދުވެގެން 40 ފްލައިޓެއްގައި ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ކުނާރު ޕްރޮވިންސްގެ އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ސަރަހައްދު ކަމަށްވާ ނޫރުގަލްގެ މާޒާ ދަރާ ސަރަހައްދުގައި ދިރިއުޅޭ ރެސިޑެންޓް ސާދިގުﷲ އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީއަށް ބުނީ ބިންހެލުން އައިވަގުތު އޭނާއަށް ވީގޮތެއް ނޭންގުނު ކަމަށާއި އޭގެއިރުގަނޑެއް ފަހުން ހޭއެރުމާއިއެކު އޭނާގެ ދަރިން ނިދާ ތަނަށް ދުވެފައި ގޮސް ތިން މީހަކު ސަލާމަތް ކުރި ނަމަވެސް ފުރާޅު އޭނާގެ މައްޗަށް ވެއްޓުމުގެ ކުރިން އާއިލާގެ ބާކީ މީހުންނާ ހަމައަށް ނުދެވުނު ކަމަށެވެ.
"އަހަރެންގެ އަނބިމީހާ އާއި ދެފިރިހެން ދަރިން ވަނީ ބިންހެލުމުގައި މަރުވެފައި. އަހަރެންގެ ބައްޕަ ވަނީ ޒަހަމްވެފައި. އަހަރެމެން ތިން ހަތަރު ގަޑިއިރު ވަންދެން އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި. އަހަރެމެން ސަލާމަތް ކުރީ ރަށުގެ މީހުން." އޭނާ ބުންޏެވެ.
ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށާއި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އީރާނުންނާއި ޗައިނާ އިން ވަނީ ބުނެފައެވެ. އޭގެއިތުރުން އދ.އިން ވެސް ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.


