ގައުމާއި ރައްޔިތުންނަށް ހެޔޮގޮތް ހޯއްދަވައި ދެއްވުމުގައި ރައީސް އަވަދިނެތި

ބައިނަލްއަޤުވާމީ ލީޑަރުންނާ ބައްދަލު ކުރައްވައި، ގުޅުން ބަދަހިކޮށް، އާ ފުރުސަތުތައް ފަހިކޮށް ދިނުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެސްސީއޯ ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީ އާއި، ޑިޖިޓަލް އިނޮވޭޝަނާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭނެކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.

މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، ރާއްޖެ އާއި ޗައިނާއާ ދެމެދު 11 ދާއިރާއަކުން އެއްބާރުލުން ދިނުމާބެހޭ ފަހުމުނާމާތަކުގައި ސޮއިކުރެވުމެވެ. މީގެ ތެރޭގައި އިޤްތިސާދީ ތަރައްޤީ، އުމުރާނީ ތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ ފަހުމުނާމާތައް ހިމެނެއެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އަދި ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލި އާވެސް ބައްދަލުކުރައްވާފައެވެ. ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި އިގްތިސާދީ ތަރައްގީ، ވިޔަފާރި، އިންވެސްޓްމަންޓް އަދި ސަލާމަތީ އެއްބާރުލުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

"ވަރަށް ހޫނު މެހެމާންދާރީއާއި މާނަހުރި މަޝްވަރާތަކަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ ގައުމަށާއި، މި ސަރަހައްދަށްޓަކައި ކުރިއަށް މިދަނީ" ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *