ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ފީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރެއިން، މިހާތަނަށް 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"2023، 17 ނޮވެންބަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެއް ކަމަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތަށް ދައްކަންޖެހޭ ފީ ޤަވާއިދުން ބަރާބަރަށް ނުދައްކާ އޮތުން. އެ މަސައްކަތް ފެށިއިރުގައި ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާ އޮތް އެހެންނަމަވެސް މިއަދާ ހަމައަށް 1.2 ބިލިއަން ރުފިޔާ ވަނީ ރިކަވާކުރެވިފައި." ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު އިބްރާޙީމް ވިދާޅުވިއެވެ.
މީގެއިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވަމުން ޢަބްދުލްމަޖީދު އިތުރަށް ވިދާޅުވީ، ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ޚިދުމަތް ނުދޭން އެ ވުޒާރާއިން ނިންމާފައިވާކަމަށާއި، އެއާއެކު އެ ފަރާތްތަކުން ފީ ދައްކަމުން އަންނަކަމަށެވެ. އެގޮތުން، ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ރަޖިސްޓްރީކޮށްފައިވާ 68،251 ފަރާތެއްގެ ތެރެއިން 13،755 ފަރާތެއް ސަސްޕެންޑް ކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ހަމައެއާއެކު ޢަބްދުލްމަޖީދު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތުތައް އެއްކޮށް ޤަވާއިދަށް ފެއްތުމުގެގޮތުން މިދިޔަ އަހަރުގެ މޭ މަހު ފެށި "އޮޕަރޭޝަން ކުރަނގި" ގެ ދަށުން އެއް އަހަރު ތެރޭ 160،000 އަށް ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ރައްކާކުރެވިފައިވާކަމަށެވެ. ޢަބްދުލްމަޖީދު ފާހަގަކުރެއްވި ގޮތުގައި، "އޮޕަރޭޝަން ކުރަނގީ" ގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީން ދެނެގަނެވި، އެ މީހުންނަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.


