"އިމިގްރޭޝަން އިންސައިޓްސް" އިފްތިތާހުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް "އިމިގްރޭޝަން އިންސައިޓްސް" ގެ ނަމުގައި އައު ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާންއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްޞީލާއެކު އާންމުންނަށް ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމްގެ ދަށުން ޕޯސްޓްތަކާއި ކުރު ވީޑިއޯތަކެއް މެދުވެރިކޮށް އިމިގްރޭޝަން އޮފިސަރުން މަޢުލޫމާތު ފޯރުކޮށްދޭން ހަމަޖެހިފައިވެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ފޮޓޯ ހުންނަންވާނެ ގޮތާއި، ސްޕޮންސަރޝިޕް ޑެކްލެރޭޝަންއާ ގުޅޭ މަޢުލޫމާތު އަދި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާނެ ގޮތްފަދަ މުހިންމު މަޢުލޫމާތުތައް ސާފުކޮށް ފޯރުކޮށްދެވޭނެއެވެ.

އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އޮފިސަރުންނަށް އަމާޒުކޮށްގެން ތިން ކެމްޕޭނެއް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެއީ ހިނިތުންވުމާއެކު ޚިދުމަތްދިނުމާއި، ނަޒާހާތްތެރިކަން އިސްކުރުމާއި އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ކެމްޕޭންތަކެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ކެމްޕޭނުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވެނީ ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކާމެދު އިޙްތިރާމާއި، ހަމަހަމަކަމާއި، ޤަދަރުވެރިކަމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަން އަންގައިދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *