އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނަން: ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ރޭ މެންދަމު 2:40 ހާއިރު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. އަދި އަލުން ކަރަންޓުގެ ޚިދުމަތް ލިބުނީ ރޭ ފަތިހު 5:55 ހާއިރުއެވެ. ފެނަކައިން ހާމަކުރި ގޮތުގައި ކަރަންޓު މެދުކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އެ މީހާއަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ފިހި، އިތުރު އަނިޔާތަކެއް ވެސް ވަނީ ލިބިފައެވެ. މިހާރު އޭނާއަށް ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

ފެނަކައިން ވަނީ މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *