އަޒާންގެ ރައްދު މާރިޔާއަށް: ދަރަނިން ސަލާމަތްވާން މި ސަރުކާރުން ރާއްޖޭގެ މިނިވަންކަން ދުލެއް ނުކުރާނެ!

ދަރަނިން ސަލާމަތްވާން މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދުލެއް ނުކުރާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން، ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަށް ރައްދު ދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވަނީ ދަރަނިން ސަލާމާތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބުނެދޭންޖެހޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފާޑުވިދާޅުވެފައެވެ. އަދި އެކަމަނާ ފަދަ އާދައިގެ ރައްޔިތުންނަށް މި ހާލަތުން އަރައިގަންނާނެ ގޮތް ފަހުމުވާނެ ގޮތެއްގައި ކިޔައިދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން މެންބަރު އަޒާން ވިދާޅުވީ، ޗައިނާ އަދި އިންޑިއާއިން ވެސް ވަނީ އެ ޤައުމުތަކަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް ފަސްކޮށްދިނުމަށް އެއްބަސްވެފައި ކަމަށެވެ.

މީގެއިތުރުން، 2026 ވަނަ އަހަރުގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމަށް ވަނީ ކަނޑައެޅިފައި ކަމަށްވެސް އަޒާން ފާހަގަކުރެއްވިއެވެ.

އަޒާން އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން ދަރަނިން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދޫކޮށްލައި އަމާންދިނުމަކީ ނުކުރާނެ ކަމެއް ކަމަށެވެ. އަދި މާރިޔާ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވިއިރު އަމަލުކުރެއްވީ އެގޮތަށް ކަމަށާއި، އޭރު ރާއްޖޭގެ މަސްލަހަތަށްވުރެ ބޮޑަށް އެހެން ޤައުމެއްގެ މަސްލަހަތު ދެމެހެއްޓުމުގައި ޝައުޤުވެރިކަން ގެންގުޅުއްވި ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *