ނޭޕާލްގައި ސޯޝަލްމީޑިއާ ބޭން ކުރުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި 13 މީހަކު މަރުވެއްޖެ

ނޭޕާލްގައި ސޯޝަލްމީޑިއާ ބަންދުކުރުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 13 މީހުން މަރުވެއްޖެއެވެ.

މި މުޒާހަރާތައް ފެށުނީ އެ ގައުމުގެ ސަރުކާރުން ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބްލޮކްކުރުމާ ގުޅިގެންނެވެ.

ނޭޕާލްގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މި ޕްލެޓްފޯމްތައް މަނާކުރުމަށް ނިންމީ، އެ ޕްލެޓްފޯމްތައް ރަޖިސްޓްރީކުރުމަށާއި، ލޯކަލް ކޮންޓެކްޓެއް އަދި ޝަކުވާތައް ބަލާނެ ފަރާތެއް ހަމަޖެއްސުމަށް ދިން މުއްދަތުގައި އެކަން ނުކުރުމުންނެވެ. މިކަމާ ގުޅިގެން މިދިޔަ ހަފުތާގައި 26 ސޯޝަލްމީޑިއާ ޕްލެޓްފޯމެއް ބްލޮކްކުރުމަށް ވަނީ ނިންމާފައެވެ.

ނޭޕާލްގެ ޤާނޫނުހަދާ މަޖިލިސް ކައިރީގައި ކުރެވުނު މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 13 މީހަކު މަރުވެފައިވާ ކަމަށް ނޭޕާލްގެ ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައްވެސް ވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޤާނޫނުހަދާ މަޖިލިސް ހިމެނޭ ސަރަހައްދުގައި ވަނުން މަނާ ސަރަހައްދުތަކަށް މީހުން ވަނުމުން، އެ މީހުން ހުއްޓުވުމަށް ޕްރެޝަރުގައި ފެން ޖެހުމާއި ރަބަރު އުންޑަފަދަ ހަތިޔާރު ބޭނުންކުރަން ޖެހުނެވެ. އަދި މުޒާހަރާތަކާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ވަނީ ކަރފިއުވެސް އިއުލާންކޮށްފައެވެ.

ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓްކުރަން ޖެހުނު ސަބަބާ ގުޅޭގޮތުން ނޭޕާލްގެ ސަރުކާރުން ބުނެފައިވަނީ، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ފަތުރާ ވާހަކަތަކާއި، ދޮގު މައުލޫމާތު އަދި ސޯޝަލްމީޑިއާ ބޭނުންކޮށްގެން ހިންގާ ހިޔާނާތުގެ ކަންކަން ހުއްޓުވުމަށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *