ދެ ލެގުގެ އެގްރިގޭޓުން ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައި އެ ގައުމުން އިންތިޒާމުކުރި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޓައިޓަލް ރާއްޖޭން ހޯދައިފި އެވެ.
ރާއްޖޭން ބައިވެރިވުމުން، ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ބާއްވަން އުޅުނު މުބާރާތް ކެންސަލްނުކޮށް، ދެ މެޗު ރާއްޖެއާ ދެކޮޅަށް ކުޅޭށެވެ. އަދި ދެ މެޗުގެ ނަތީޖާއިން މޮޅުވާ ޓީމަކަށް ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ތައްޔާރު ކުރި ތަށި ދިނުމަށް ވެސް ނިންމި އެވެ.
މިއަދުގެ މެޗު އެއްވަރުވީ 1-1 އިންނެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ހޯދި ތިން ލަނޑުގެ މޮޅާ އެކު ރާއްޖޭން ކުރި ހޯދީ 4-1 ގެ އެގްރިގޭޓް އެގްރިގޭޓުންނެވެ.
ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލަންކާގެ ޑިލަން ޑަ ސިލްވާއަށެވެ. މެޗުގެ 20 ވަނަ މިނެޓްގައި ރާއްޖޭގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.
އެ ހާފުގައި ރާއްޖޭގެ މިޑްފީލްޑަރު އަހްމަދު އައިހަމް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލަންކާގެ އޭރިއާ ތެރެއަށް ނަގައި ދީފަ އެވެ. އެ ވަގުތު ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވެސް ހުރީ ނުބައި ޕޮޒިޝަނުގަ އެވެ. ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާނެ އިތުރު ދިވެހި ކުޅުންތެރިޔެއް ލަންކާގެ އޭރިއާގެ ތެރޭގައި ނެތެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ލަންކާގެ ވަސީމް ރަޒީކް އަށް ރަނގަޅު ފުރުސަތެއް އެ ޓީމުގެ އަދާވަން ރާޖާމޯހަން ނަގައި ދިނެވެ. ރަޒީކް ފަޔަށް އެ ބޯޅަ ރަނގަޅަކަށް ނޭރި އެވެ. ވެއްޓިގެންފައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.
ޑިސެމްބަރު 2021 ގައި ލަންކާއިން ބޭއްވި ފޯނޭޝަން ކަޕްގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ލަންކާއިން ފަހަތުން އަރައި 4-4 އިން އެއްވަރު ކުރި މެޗުގައި ރަޒީކް ހެޓްރިކް ހެދި އެވެ. އެކަމަކު މިފަހަރު ރާއްޖެއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ލަންކާ ޓޮޕް ސްޓައިކަރު ރަޒީކަށް އޭނާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލަކަށް ހަދައެއް ނުލެވުނެވެ.
ލަންކާގެ އެހެން އެޓޭކަރުންގެ ފަރާތުން ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރި އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފޯވާޑް އަހްމަދު ރިޒުވާން އަށް އަނިޔާވުމުން، އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ޑިފެންޑަރު އަދި ކެޕްޓަން ސަމޫހް އަލީ އެވެ.


