ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، 50،000ރ. އިން ޖޫރިމަނާކުރާނެ ކަމަށް ހޯމް މިނިސްޓްރީން ރޭ ބުނެފި އެވެ.
އެ ގާނޫނަށް މިިދިޔަ އަހަރުގެ އޮގަސްޓު 19 ގައި ގެނައި އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ވަޒީފާ ދިން ފަރާތުން އިހުމާލުވެއްޖެ ނަމަ އެ ފަރާތެއްގެ މައުލޫމާތު އާއްމުކުރަންޖެހެ އެވެ.
އޭގެ އިތުރުން، ވަޒީފާއަށް ގެނައުމަށް ފަހު ތަކުރާރުކޮށް ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް، މަސައްކަތްތެރިންނާ ގުޅޭގޮތުން ދޭ ހިދުމަތްތައް ވަކި މުއްދަތަކަށް ހުއްޓާލުން ހިމެނެ އެވެ. އެއާ އެކު، 7-65 ވަނަ މާއްދާގެ ށ. ގައި ނުހިމެނޭ ކަންކަމުގައި، 100،000ރ. އަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
އެ މާއްދާގައި ބުނަނީ؛
– ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު މުސާރަ ނުދިނުން
– ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަނުކުރުން
– ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށް ފަހު އެ މީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވައި ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގުން
– ބިދޭސީ މީހާ ރާއްޖެ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުން
މިނިސްޓްރީން ބުނީ އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް، އަންނަ ހޯމަ ދުވަހުން ފެށިގެން އެ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށެވެ. އަދި ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދެއްކުމުން ނޫނީ އެ ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދޭނެ ކަމަށް ވެސް ބުންޏެވެ.


