588 މީހަކު ފްލެޓް ޑިޕޮސިޓް ދައްކައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު އެއްބަސްވުމުގައި 3،000 އަށްވުރެ ގިނަ ފަރާތްތަކުން ސޮއިކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 588 ފަރާތަކުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުންނެވެ.

މި އަހަރުގެ ޖުލައި 21 ވަނަ ދުވަހުން ފެށިގެން 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް 3،131 އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާވަލުކުރެވި، 3،119 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ. ސެކިއުރިޓީ ޑިޕޮސިޓާއި މެއިންޓަނެންސް ފީ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މަހަކު 7،000 ރުފިޔާ، މެއިންޓަނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހެއެވެ. ތިން ކޮޓަރީގެ ފްލެޓުތަކަށް މަހަކު 9،500 ރުފިޔާ، މެއިންޓަނެންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.

މި މަޝްރޫޢުގައި ހިމެނޭ އަމާން ހިޔާގެ 6 ޓަވަރާއި އަމާން ދޯދީގެ 6 ޓަވަރުގެ ތެރެއިން 2،800 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. މިހާރު ދޯދި ޓަވަރު އަދި އުދަރެސް ޓަވަރުތަކުގެ ސްޓްރަކްޗަރަލް މަސައްކަތް ވަނީ ނިމި، މިހާރު ކުރިއަށް ދަނީ ފިނިޝިން މަސައްކަތްތަކެވެ.

ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފަށާފައިވާ ކަމަށް އެފްޑީސީ އިން ބުނެއެވެ.. ފްލެޓް ލިބޭ މީހުންގެ ޔުނިޓް ހަވާލުކުރުމަށް ޝެޑިއުލް ކުރާ ގަޑިތައް ޕޯޓަލް މެދުވެރިކޮށް ފެންނާނެއެވެ.

މަސައްކަތް ނިމެން ކައިރިވެފައިވާ ފްލެޓްތައް ކައިރީ ދުވާރު ހެދުމުގެ މަސައްކަތާއި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *