ހަރުކަށި ފިކުރުގެ އެކްޓިވިސްޓް ޗާލީ ކަރކް މަރާލި މައްސަލައިގެ ތަޙްޤީޤު ހިންގުމުގައި އެފްބީއައި ޑިރެކްޓަރ ކޭޝް ޕަޓެލް ގޯސްތަކެއް ހަދާފައިވާކަމަށް ތުހުމަތުކޮށް އެމެރިކާގެ ކޮންގްރެސް އިން އޭނާ އާއި ސުވާލުކުރުމަށް ކޮންގްރެސްއަށް ހާޒިރު ކުރަން ނިންމައިފިއެވެ. ޕަޓެލް ކޮންގްރެސްއަށް ހާޒިރުކުރާ އެއްސަބަބަކީ ކަރކްގެ މަރާއި ގުޅިގެން "މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް" ހައްޔަރުކުރެވިފައިވާކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރިއިރު މީހަކު ހައްޔަރުކޮށްފައި ނުވުން ހިމެނެއެވެ.
ޕަޓެލް އަންގާރަ އަދި ބުދަ ދުވަހު ސެނެޓް އަދި ހައުސް ޖުޑިޝަރީ ކޮމިޓީތަކުގެ ކުރިމައްޗަށް ހާޒިރު ކުރާނެއެވެ. ކޮމެޓީތަކަށް އޭނާ ހާޒިރުކޮށް އެފްބީއައިއިން ކަރކްގެ މައްސަލަ ތަހްގީގު ކުރަމުންދާ ގޮތާއި ބެހޭގޮތުން ސުވާލު ކުރުމުގެ އިތުރުން އޭނާ އެފްބީއައިގެ ޑިރެކްޓަރަކަށް އައްޔަންކުރެވުނު ފަހުން ސިޔާސީ ހަމަނުޖެހުންތަކާއި އެތެރޭގެ ހަލަބޮލިކަމުން ބައިބައިވެފައިވާ އިދާރާއެއް ހަމައަކަށް އެޅުވޭނެތޯ ސުވާލުކުރެވޭނެކަމަށް ނޫސްވެރިން ލަފާކުރެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ޕަޓެލް އަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ކަރކްގެ މަރުގެ ތުހުމަތުގައިވާ ޓައިލަރ ރޮބިންސަން ހޯދައި ހައްޔަރުކުރުމުގައި އެފްބީއައި އިން އަމަލުކުރީ ވަރަށް އަވަހަށް ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
ނަމަވެސް، އެހެން ކޮންސަވޭޓިވުންގެ ފާޑުކިޔުން ޕަޓޭލްއަށް ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ވަނީ 38،000 މުވައްޒަފުންނާއި 13،000 އޭޖެންޓުން ހިމެނޭ ގައުމުގެ އެންމެ މަތީ ގާނޫނު ތަންފީޒުކުރާ އިދާރާ ހިންގުމަށް ޕަޓޭލްގެ ގާބިލުކަން ހުރިތޯ ސުވާލު އުފައްދަން ފަށާފައެވެ.
ހުކުރު ދުވަހު އެކްސްގައި ޝާއިޢުކުރި ބަޔާނެއްގައި، ކޮންސަވޭޓިވް ތިންކް ޓޭންކް މެންހެޓަން އިންސްޓިޓިއުޓްގެ ފެލޯ ކްރިސްޓޯފަރ އެފް ރުފޯ ވަނީ އެފްބީއައި ހިންގުމަށް ޕަޓޭލްއަކީ އެންމެ އެކަށީގެންވާ މީހާތޯ ރިޕަބްލިކަނުން ވަޒަންކުރަންވީ ވަގުތު ޖެހިއްޖެކަމަށް ބުނެފައެވެ. "ވޭތުވެދިޔަ ދުވަސްތަކުގައި ޕަޓޭލްގެ އަމަލުތައް ހުރިގޮތައް ބަލާއިރު އެމެރިކާގެ ސުލްހައަށް ނުރައްކާވާ ހަރުކަށި ހަރަކާތްތައް ތަހުގީގުކޮށް، ހުއްޓުވުމުގެ އޮޕަރޭޝަނަލް ހުނަރު އޭނާގެ ކިބައިގައި ހުރިކަން ސާފެއް ނޫން،" ކްރިސްޓޯފަރ އެފް ރުފޯ ބުންޏެވެ.
ރޫފޯ ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ކޮންޒަވޭޓިވް ލީޑަރުންނާއި ވާހަކަ ދައްކައިފިން ކަމަށާއި އެ އެންމެން ވެސް ޓްރަމްޕްގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި ނަމަވެސް އެކަކުވެސް މިހާރުގެ އެފްބީއައިގެ އޮނިގަނޑު މި މަސައްކަތަށް އެކަށީގެންވާ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. ކޮންޒަވޭޓިވް އެކްޓިވިސްޓެއް ކަމަށްވާ އެރިކް އެރިކްސަން ވެސް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެފްބީއައިގެ ހާލަތާއިމެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.
ޗާލީ ކާރކްގެ މަރު އެފްބީއައިއިން ތަޙުޤީޤު ކުރަމުންދަނިކޮށް، ޕަޓޭލް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "މިއަދު ޗާލީ ކާރކްގެ ފުރާނަ ގެއްލުވާލި ނުރައްކާތެރި ހާދިސާގެ ތުހުމަތުކުރެވޭ ފަރާތް މިހާރުވަނީ ހައްޔަރުކުރެވިފައެވެ." އެހެންނަމަވެސް އެއީ ރަނގަޅު މަޢުލޫމާތެއް ނޫންކަން ފަހުން އެނގުނެއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ޕަޓެލް ވަނީ ހައްޔަރުކުރެވުނު މީހާ ދޫކޮށްލެވިފައިވާ ކަމަށް ބުނެފައެވެ.
އަދި އޭނާގެ ޕްރޮފެޝަނަލިޒަމްއާމެދު ސުވާލު އުފެއްދިއެވެ.
ޗާލީ ކާރކްގެ މަރާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތު އެފްބީއައިގެ އެޖެންޓުން ޕަޓޭލް އާއި ހިއްސާނުކުރުމުން އޭނާ ބުރާސްފަތި ދުވަހު މުވައްޒަފުންނާއި ޒުވާބުކޮށް ހުތުރުބަހުން ވާހަކަދެއްކި ކަމަށް އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީން ރިޕޯޓް ކޮށްފައިވެއެވެ.
ޕަޓެލް އެފްބީއައިގެ ޑިރެކްޓަރުކަމަށް ނޮމިނޭޓް ކުރި ހިސާބުން ފެށިގެް ވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެންމެ ބޮޑު ސަބަބަކީ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އިސް މަޤާމެއް ދުވަހަކުވެސް ފުރާފައިވާ މީހަކަށް އޭނާ ނުވުމެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިފަދަ ޒިންމާދާރު މަޤާމަކަށް ބޭނުންވާ ހިންގުމުގެ ތަޖުރިބާ އޭނާގެ ކިބައިގައިނެތެވެ.
ޕަޓޭލްއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރުގަދަ ސަޕޯޓަރެކެވެ. ގިނަ ބަޔަކު ކަންބޮޑުވަނީ އޭނާގެ ވަފާތެރިކަމުގެ ސަބަބުން އެފްބީއައިގެ މިނިވަންކަމަށް އަސަރުކޮށްފާނެތީއެވެ. އޭނާއަށް ކޮންގްރެސްގެ ކޮމެޓީން ރުހުން ދިނުމުގެ ކުރިން ކޮމެޓީއަށް ހާޒިރުކޮށް މެންބަރުން ވަނީ ތަޙްޤީޤުތައް ސިޔާސީ ނުކުރުމާއި، ޤާނޫނާ ޚިލާފު އަމުރަކަށް ކިޔަމަންނުވެ އިސްތިއުފާދޭނެކަމުގެ ޔަޤީންކަން ދިނުމަށް އެދިފައެވެ. ނަމަވެސް އޭނާ ވަކި ޔަޤީންކަމެއް ދިނުމަށް އިންކާރުކުރިއެވެ.


