އިޒްރޭލުގެ ޖަރީމާ ހުއްޓުވަން ސިޔާސީ އަދި އިގްތިސާދީ ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި

އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަން މަޖުބޫރު ކުރުވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ސިޔާސީ އަދި އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މި މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ދޯހާ އަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން، ގަތަރުގައި މިއަދު ބޭއްވި އަރަބި-އިސްލާމިކް އިމަޖެންސީ ސަމިޓުގައި ތަގުރީރު ކުރައްވަމުން، ރައީސް ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ގަތަރަށް ހަމަލާ ދިނުމަކީ، އިޒްރޭލުން ސުލްހަ ބޭނުންނުވާކަމުގެ ސާފު ދަލީލެކެވެ.

"އިޒްރޭލުން ދޯހާއަށް ހަމަލާ ދިނުމުގެ ބޭނުމަކީ، ސީދާ ސުލްހައަށް ހަމަލާދީ، މެދުވެރިއެއްގެ ދައުރަށް ހުރަސްއަޅައި، މުޅި ސަރަހައްދު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިޒްރޭލުގެ އެ ހަމަލާއަކީ ރައީސް ސިފަކުރެއްވި ގޮތުގައި، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ހުޅަނގު އައްސޭރި އިސްތިއުމާރުކޮށް އަދި ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމާއި ޑޮކްޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ރާވައިގެން ހިންގަމުންދާ ޖަރީމާތަކަށް އިތުރު ބޮޅެކެވެ.

މީގެ އިތުރުން އަމިއްލައަށް ދިފާއުވުމުގެ ނަމުގައި ފަލަސްތީނުގެ ބިންތައް ސުންނާފަތިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހުއްޓުމެއްނެތި އިޒްރޭލުން މަސައްކަތް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *