ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޭ 4،000 ފްލެޓްގެ ގުރުއަތު ނެގުމުގައި ކުރިން ބައިވެރިވެފައި ނުވާ މީހުންގެ ގުރުނެގުން މިއަދު ހައުސިންގ މިނިސްޓްރީގައި ބާއްވައިފިއެވެ.
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ ގުރުއަތުގައި 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ދެ ކޮޓަރީގެ ފުލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންނާއި 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައަޅަން ގުރުއަތު ނަގާފައި ނުވާ މީހުންގެ ގުރުއަތު ނެގުން ކުރިއަށް ގެންދިޔައެވެ.
މީގެ އިތުރުން، ކުރީގެ ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކުގެ ގުރުއަތުވެސް މިއަދު ނެގުނެވެ. ގުރުއަތު ނެގުމުން އެ މީހަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކޮށް، މި މަންޒަރު ދައުލަތުގެ މީޑިއާއިން ވަގުތުން ދެއްކިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ގުރުއަތު ނެގުމުގައި ބައެއް މީހުން ބައިވެރިނުވެވި ތިބެން ޖެހުނު ސަބަބަކީ، ކުރީގެ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓާލަން އެންގުމެވެ.
އެ ފްލެޓްތައް ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން މައްސަލަ ތަހުގީގުކުރުމަށް އޭސީސީން އެންގުމާ ގުޅިގެން އޭގެ ފަހުން މިއަދާ ހަމައަށް ގުރުނެގުން ބާއްވާފައި ނުވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުން ހަދައި، ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިހާރު ފަށައިފައިވީ ނަމަވެސް، އެ ތަންތަނުގައި ދިރިއުޅުމުގެ ހުއްދަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަދި ދީފައެއް ނުވެއެވެ.