ދިވެހިންނަށް ހާއްސަކޮށް އިންވެސްޓް ކުރުމުގެ އިތުރު ދާއިރާތައް ކަނޑައަޅައިފި

ރާއްޖޭގެ އިގްތިސާދުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި، އިކޮނޮމިކް މިނިސްޓްރީން އިސްލާހު ގެނެވިފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސް މިއަދު ޝާއިއުކޮށްފިއެވެ.

މި އިސްލާހުތަކުގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.

މި ނިންމުމަކީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ.

ދިވެހިންނަށް ހާއްސަކުރެވުނު ދާއިރާތައް

އިސްލާހުކުރެވުނު ގަވާއިދުގެ ދަށުން، ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސްގެ ހިދުމަތް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް، ބަންކަރިންގެ ހިދުމަތް އަދި 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިމެނެއެވެ.

މި ބަދަލުތަކުގެ މައިގަނޑު އަމާޒަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް ދިވެހިންނަށް ހާއްސަކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމެވެ. އަދި ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ޖޮއިންޓް ވެންޗާ އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު ވެސް ދިވެހިންނަށް ލިބިގެންދާނެއެވެ.

މި އިސްލާހުތަކާއެކު، ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ލިބި، ގައުމުގެ އިގްތިސާދުގައި ދިވެހިން ބާރުވެރިވެގެންދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، މި ހުޅުވުނު ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *