ގަވާއިދާ ޚިލާފަށް ”ވަގަށް“ އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ ސިނގިރޭޓު ކޮންޓެއިނަރުތަކެއް މިއަދު ހުޅުމާލޭ އެމްޕީއެލް ބަނދަރުގައި ބެހެއްޓުމަށްފަހު، ފަހުން ބެލިއިރު އޭގެ ތެރޭގައި ސިނގިރޭޓު ނެތްކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން އެމްޕީއެލްއިން ދާދިދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެ ކުންފުނީގެ ހުޅުމާލެ ޓާމިނަލުން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުޤީޤުކުރަމުންދާ ކަމަށެވެ.
މި މައްސަލައަކީ ފުލުހުންގެ ތަޙްޤީޤުގެ މަރުޙަލާގައިވާ މައްސަލައަކަށްވުމާއެކު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް މި ވަގުތު ހިއްސާކުރެވެން ނެތްކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.
އަދި، މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުންވެސް އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދާކަމަށް އެ ކުންފުނިން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.