އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 2.5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދައުލަަތަށް 2.5 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީއިން ވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް މިއަދު އާންމުކޮށްފައެވެ.

ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުސް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މީގެތެރެއިން ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022އިން ފެށިގެންނެވެ. ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 821 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ.

މިއާއެކު، މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް ލިބުނު އާމްދަނީ މިވަނީ 2.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އޭޓީއެފްގެ ގޮތުގައި ދައުލަތަށް ލިބުނު 1.5 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *