މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ އެވެ.
މެރިން ފުލުހުން ބުނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި ހަތަރު މީހަކު ސަލާމްތްކޮށްފައިވާ ކަމަށެވެ. އެ މީހުން ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރު ކަމަށް ވެސް ބުންޏެވެ.
ގެއްލުނު ތިން މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެރިން ފުލުހުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުންޏެވެ.
އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހައިލި އިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މެރިން ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.