ބޯހިޔާވަހިކަން ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހަމަޖެއްސުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ ”ހިޔާވެހި“ ފައިނޭންސިންގް ސްކީމްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ލޯނު ދޫކުރަން ފަށައިފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާވެހި ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ނުވަތަ ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ މި ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށްވާ ފަސް ޕަސެންޓުގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ހިޔާވެހި ސްކީމްގެ ތަފްސީލު:
° ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
° އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށް ވެސް ހަމަޖެއްސޭނެ
° އިމާރާތް ކުރާ ތަން ފިޔަވައި އިތުރު ރަހުނެއް ބޭނުމެއް ނުވޭ
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ޒިންމާދާރު ބޭންކެއް ކަމަށާއި އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ޒިންމާ ކަމަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.