ހުޅުމާލެ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާތުރޮސްކޮޕިކް ކަކުލުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.
މި ސާޖަރީއަކީ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަޙްމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަޖަރީއެކެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި އާ ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް ބަލިން ފަސޭހަވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަޖަރީއާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސަޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށިގެން ގޮސްފައިވެއެވެ.
”މި ފާހަގަކޮށްލެވޭ ކާމިޔާބީއަށް ޓަކައި މުޅި ޓީމަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް،“ ހަލީމް ވިދާޅުވިއެވެ.