ހަގީގީ ތަރައްގީއަކީ އަތުން ނުހިފޭ މާނަހުރި ތަރައްގީ: ރައީސް

ހަގީގީ ތަރައްގީއަކީ، އަތުން ނުހިފޭ މާނަހުރި ތަރައްގީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރީތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ވަނަވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، އުޅުމާއި ގުޅުން ބައްޓަން ކުރަން ޖެހޭނީ ގުރުއާނާއި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ސްކޫލުތަކުން އެންމެ އިސްކަންދޭން ޖެހޭ ކަމަކީ ރީތިކޮށް ގުރުއާން ކިޔަވާ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރީންނަކީ ގުރުއާން ކިޔަވަން ބޭނުންވާ އަދި އެއީ ފަހުރެއް ކަމުގައި ދެކޭ ދަރީންކަމުގައި ވާން އަޅުގަނޑު ބޭނުން. ސްކޫލުތަކުން އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި މިކަން ކަނޑައަޅަން އަދި އެގޮތަށް މަސައްކަތްކުރަން އަޅުގަނޑު އެދެން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުރީގައި ދިވެހީންގެ ތެރޭގައި އޮތް ރީތި ބައެއް އާދަތައް އަނބުރާ ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ ކުރިން ދެ ނަމަނާދު ދޭތެރޭގައި ގުރުއާން ކިޔަވަން ތިބޭ ތިބުމުން މިސާލު ނަންގަވައިފައެވެ.

ރައީސް ވިދާޅުވީ، ވަށައިޖެހޭ ތަރައްގީއަކީ ސިކުނޑިތައް ތަރައްގީވުން ކަމަށާއި އެ ތަރައްގީ އަންނާނީ އަމިއްލައަށް އެކަންކަން ކުރަން ބޭނުން ނަމަ ކަމަށެވެ. ސަރުކާރަށް އެކަމުގައި ކޮށްދެވޭނީ މަގުފަހި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ރަށްރަށަށް ދާއިރުގައި މާލެއިންނާއި އެކި ތަންތަނުން ރައްޔިތުންނާ ބައްދަލުވާއިރު ލިސްޓެއް އާދޭ މި ރަށުގައި މިވެނިކަމެއް އެވެނި ކަމެއް، ރަނގަޅު، ބޭނުންޖެހިފައިވާ ކަންކަން އެއީ، އެކަންކަންވެސް ކުރާނެ ސަރުކާރުން. އެކަންކަން ކުރާއިރު ގައުމުގެ ހަގީގީ ތަރައްގީ މިއޮތީ އަތުން ނުފިހޭ، މި ދެންނެވިހެން މާނަހުރި ތަރައްގީ. އެއީ އަޅުގަނޑުމެން މުސްލިމުންނަށްވީތީ އިސްކަންދޭން ޖެހޭ ކަމަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެން ދާން އޮތް ދުނިޔެއަށް ތައްޔާރުވާން ޖެހޭ ކަމަށާއި ފަލާހާއި ކާމިޔާބު ލިބޭނީ އޭރުން ކަމަށެވެ.

ރައީސް ވަނީ ގުރުއާނަކީ، އެންމެ ބޮޑު ފަހުރުކަމުގައި ވިދާޅުވެ، އެންމެ މަތީ އިނާމު ލިބެން ޖެހޭނީ ގުރުއާން ރީތިކޮށް ކިޔަވައިގެން ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *