މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީގެ މައްޗަށް ރިޝްވަތުގެ ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއާޒުގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ)ގެ ދަށުން، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުން އޭސީސީއަށް ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް، މޯލްޑިވްސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އޭގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާ ކަމަށް ވެއެވެ.
އޭސީސީން ހާމަކުރި ގޮތުގައި، ކަސްޓަމްސްއިން ބަލަމުންދިޔަ މި މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަޙުޤީޤުން ވަނީ ހޯދިފައެވެ.