ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ ނޫމަރާއަށެވެ. އެ އަށް ފަހު ކަނޑިތީމުގެ އިތުރުން ގޮއިދު އަށް ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ ބިލަތްފަހީގަ އެވެ.
އެ ތިން ރަށުގެ އިތުރުން މި ދަތުރުފުޅުގައި ރައީސް މުއިއްޒު ދެން ވަޑައިގަންނަވާނީ ފޭދޫ، ފީވައް، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދުއަށެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އަދި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ށ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ މި މަހު ހަވަނަ ދުވަހު އދ. އަތޮޅުގެ ރަށްތަކަށެވެ.