އަންނަ އަހަރު ނިމޭއިރު ޞިއްޙީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް ނޯންނާނެ: ރައީސް

ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ރަށެއްގެ ނިސްބަތުން އެ ރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް އެ ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް އެ މަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ

ޞިއްޙީ ދާއިރާއަކީ އެ މަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްޤީކުރައްވާ އެއްދާއިރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޞިއްޙީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާ ކަމުގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 2 އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް ށ. ނޫމަރާގައިވެސް ލެބޯޓްރީ ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ހަމައެހެންމެ ނޫމަރާގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ދޯނިއެހެލާނެ ސަރަޙައްދަކާއި، މޫދަށް އެރޭނެ ސަރަޙައްދެއްވެސް ހަމަޖެހިގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ނޫމަރާގައި ކުރިއަށްގެންގޮސްދެއްވާނެ ބައެއް މަޝްރޫޢުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ. މިގޮތުން، ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި، ވޮލީކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަންދެއްވިއެވެ.
އަދި ތަޢުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މީގެ އިތުރުން ށ. ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރީލޮކޭޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރް.ޓީ.އެލް ރޫޓު ދިގުވުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *