މައިންގެ ފަރާތުން ތުއްތު ދަރިންނަށް އެޗްއައިވީ، ހެޕަޓައިޓިސް-ބީ އަދި ސިފިލިސް ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.
މިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިންވެސް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ އެއްކޮށް ނައްތާލައިފައެވެ. މީގެ ތެެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ވަނީ ބަލައިގެންފައެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ތިން ބައްޔެއް އެރުން ހުއްޓުވި ފުރަަތަމަ ގައުމަށް ރާއްޖެ ވީ، ހެޕަޓައިޓިސް-ބީ އެގޮތަށް ފެތުރުން ހުއްޓުވުނުކަން ޑަބްލިއުއެޗްއޯއިން ބަލައިގަތުމާ އެކުގައެވެ.
ރާއްޖެއަށް ލިބުނު މި ކާމިޔާބީއާ ބެހޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ވަރަށް ވެސް ބޮޑު ފަޚުރެއް ކަމަށެވެ.
މީގެއިތުރުން މިކަން މެދުވެރިކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކޮށްދެއްވި ތަޖުރިބާކާރުންނާއި ކޮމިއުނިޓީތަކަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާ އެބޭފުޅުންގެ ހިދުމަތުގެ އަގުވަޒަން ކުރައްވާފައެވެ.
ރާއްޖޭގެ މިކާމިޔާބީއަށް ތައުރީފުކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވިދާޅުވީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރަން ރާއްޖޭގެ ޕޮލިޓިކަލް ވިލް ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ.
”މި ތާރީހީ ކާމިޔާބީ ވެފައި މި ވަނީ މި ލަނޑުދަނޑިއަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް އުއްމީދަކަށް އަދި ހިތްވަރަކަށް،“ އޭނާ ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްްކާ ގޮތުން، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނި، ސިފިލިސް ޖެހިފައިވާ 23،000 މައިން ވިހޭ އިރު، އެ މީހުންގެ ފަރާތުން 8،000 ކުއްޖަކަށް އެ ބަލި ޖެހުނެވެ. އަދި އެޗްއައިވީ ހުރި 25،000 އަންހެނަކު ވިހޭ އިރު ކުދިންނަށް އެބަލި ފެތުރުނެވެ. އަދި ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވެއެވެ.