ހުރިހާ ކަމެއްގައި އަދި ހާއްސަކޮށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެންމެ މުހިންމީ ރައްޔިތުން އެދޭ ގޮތް ކަމަށާއި އަދި ކަންކަން ކުރިއަށް ގެންދާނީ ވެސް އެގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފީވަކަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތަށް ދަތުރު ކުރައްވާ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ބަލައި، އެ ކަންކަން ކޮށްދެއްވުން ކަމަށެވެ.
”އަޅުގަނޑުމެން ރައްޔިތުން އެދޭ ގޮތަށް ކޮންމެ ކަމެއް ވެސް ކޮށްދޭން، ކޮންމެ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނަމޭ. ރައްޔިތުން އެދޭ ގޮތް އެއީ އަޅުގަނޑުމެންނަށް އެންމެ މުހިންމު ގޮތަކީ. އެހެންވީމަ އެގޮތަށް ހުރިހާ ކަންކަމެއް ވެސް ކުރިއަށް ގެންދާނަން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފީވަކުގެ ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރިކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއުއަކަށް ވެސް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށާއި މިހާރު ހުއްޓިފައި ހުރި ކަންކަން ސަރުކާރު ކުންފުނިތަކާ ހަވާލު ކޮށްގެން އަލުން ފަށާނެ ކަމަށެވެ. އަދި ނުނިމި ހުރި ކަންކަން ވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.