ކޮރަޕްޝަނަކީ ދުނިޔޭގެ ކޮންމެ ޤައުމެއްގެ ކުރިއެރުމަށްވެސް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ޚާއްސަކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، ކޮރަޕްޝަނަކީ އިޤްތިޞާދީ ދުވެލި މަޑުޖެހުމާއި، ވެރިކަން ހިންގުން ހީނަރުވުމާއި، އިޖްތިމާޢީ ހަމަޖެހުން ނަގާލުމަށް ނޭދެވޭ އެތައް އަސަރެއް ފޯރުވާ ބަލިމަޑުކަމެކެވެ.
ސަރުކާރުގެ އިސް މުވައްޒަފުން ރިޝްވަތު ހިފުމާއި، ވައްކަން ކުރުމާއި، ގާތްތިމާގެ މީހުންނަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގައި ބައިވެރިވާ ހިނދު، އެއީ ޤައުމުގެ މުސްތަޤުބަލު އަނދިރިކުރާ ކަޅު ވިލާގަނޑެކެވެ. މި ވިލާގަނޑުގެ ސަބަބުން، އުމްރާނީ ތަރައްޤީއާއި، ޞިއްޙީ ޚިދުމަތްތަކާއި އަދި ތަޢުލީމަށް ބޭނުންކުރަންޖެހޭ ވަސީލަތްތައް އަމިއްލަ ޖީބަށް ވެއްޓި، ޤައުމުގެ ކުރިމަގު އަނދިރިވެގެންދެއެވެ. ޤައުމެއްގެ ތަރައްޤީ އޮތީ ސަރުކާރު ހިންގާ ފަރާތްތަކުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މައްޗަށެވެ..
މިއަދުގެ ސަރުކާރުން، ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތު ތަފާތެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާކަން އެނގިވަޑައިގަންނަވާ ކޮންމެ ފަރާތަކާއި މެދު ވަގުތުން ފިޔަވަޅު އަޅުއްވައެވެ. މިއީ މީގެ ކުރިން އަޅުގަނޑުމެންނަށް އެއްވެސް ސަރުކާރެއްގައި ފެނިފައިނުވާފަދަ ހަރުދަނާ އުސޫލެކެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ، ކޮރަޕްޝަން ހިންގައި، ޤަވާއިދާ ހިލާފަށް ކުރާ ކަމެއް ހުއްޓުވުމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މިއީ އެމަނިކުފާނުގެ ޢަޒުމާއި ސާބިތުކަން ހާމަވާ ބަސްފުޅެކެވެ..
ކޮރަޕްޝަނާއި ނުލާ މި ސަރުކާރު ހިންގާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެކި ފަހަރު މަތިން ދިވެހި ރައްޔިތުންނަށް ދެއްވައިފައެވެ. އަދި މިހާތަނަށް އެކަން ވަނީ ޢަމަލާއި ބަހުން ސާބިތުކުރައްވާފައެވެ. އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް، ފްލެޓް ލިސްޓުގެ މައްސަލަ ނުވަތަ އިމިގްރޭޝަންގެ މައްސަލައަށް ނަޒަރު ހިންގާލިޔަސް، "ދިވެހީންގެ ރާއްޖޭގައި" ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސްކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގައި ވިދާޅުވެފައެވެ
.
ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް ޢިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި، އެއީ ކުޑަޔަސް، ބޮޑަސް މި ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަޤީންކަން ދިނުން." ރައީސް މުޢިއްޒު.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެކި މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އޭގެ ބޭރުން ކަންކަން ކުރާ ނަމަ އެކަމެއް ބަލާނެކަން މި ސަރުކާރުން އަންނަނީ ދައްކަމުންނެވެ. މީހަކު ކުރި ކުށަކާ ގުޅިގެން އެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަން ފެށުމުން މި ސަރުކާރުން ނުކުމެ އެކަމެއް ނުހުއްޓުވައެވެ.
އެޗްޑީސީގެ އެތެރޭގައި ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ފަޒުލް ރަޝީދު ހިންގި ހިޔާނާތް ހާމަވުމުން، ރައީސް މުއިއްޒު ވަނީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އިންޒާރު ދެއްވާފައެވެ. އެމަނިކުފާނުގެ ވިދާޅުވީ:
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަންކުރާކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ޤަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް." ރައީސް މުޢިއްޒު
ރައީސް މުޢިއްޒުގެ ވެރިކަމުގައި، ދިވެހިރާއްޖެއަކީ ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ސިޔާސަތުތަކަކީ ކޮރަޕްޝަންގެ ވިހަ ރުއްގަނޑު އެއްކޮށް ނައްތާލުމަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެކެވެ. މި މަސައްކަތުގައި ކާމިޔާބުވުމަށް، ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ. ރައީސް މުޢިއްޒުގެ މި މަސައްކަތްތަކުގެ ފޮނިމީރުކަމަކީ ވަގުތީ ކަމެއްނޫނެވެ. މިއީ ދުރު މުސްތަޤުބަލަށް ވިސްނައިގެން ކުރެވޭ މަސައްކަތްތަކެކެވެ. ގަހެއް އިންދާއިރު، އެ ގަހުގެ މޭވާގެ ފޮނިމީރުކަން ދަރިންނާއި ދަރިންގެ ދަރިންނަށް ލިބޭ ފަދައިން ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނާއި ދެކޮޅަށް މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރައްޔިތުންގެ ފަޅީގައި ހުރެ ރައްޔިތުންނަށްޓަކައި އަންނަންއޮތް ޖީލުތަކަށްވެސް ފައިދާވާނެ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކުރިއަށްދާ މަސައްކަތްޕުޅެކެވެ. މިފަދަ ހިތްވަރުގަދަ ލީޑަރެއްގެ ސަބަބުން، ދިވެހިރާއްޖެއަށް ކުރިމަގެއް އޮތީ ރަނގަޅު މުސްތަޤުބަލަކަށެވެ.