ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.
އެމްޕީއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 8 ވަނަ ދުވަހު މި މައްސަލަ ފެންމަތިވުމާ އެކު، ތަހުގީގު ފަށައި މިދިޔަ އާދިއްތަ ދުވަހު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އިތުރު މުވައްޒަފަކު މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްޕީއެލްއިން ބުނީ 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ގެއްލުނު މައްސަލައިގެ ޝާމިލްވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ، މި ކުންފުނީގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ތަހުގީގަށް ހުރަސް ނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފުލުހުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ވަނީ ކޮންޓެއިނަރުތައް ވަގަށް ނެގުމުގައި އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފަ އެވެ. އެއީ އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ މިފްކޯގެ މިހާރުގެ ޖެނެރަލް މެނޭޖަރު އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގައި ހުރި މުއާޒް އަލީ އެވެ. އޭނާއަކީ ކަސްޓަމްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ.
މީގެ އިތުރުން 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.