މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރާއްޖޭގެ 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ފުލުހުން ކުރި އިއުލާންގައި ބުނީ، އެ ޚިދުމަތުން ދޭ މަޢުލޫމާތާ އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުން، ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް ރަޖިސްޓްރީވުމަށް އެ ޚިދުމަތުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ރަޖިސްޓްރީވުމަށް އެދޭފަރާތްތަކުން އިޢުލާނާ އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު [email protected] އީ-މެއިލް އަށް ފޮނުވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެއެވެ.
ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 އެވެ.
ރަޖިސްޓްރޭޝަން ފުރިހަމަކުރައްވާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.