އައްޑޫ މީދުއާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު ފެންނަ ނުފެންނަ ގޮތް ބަލާ ނަގާ ވޯޓަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮފްރާމްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު މިރޭ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލުހޯދުމުގެ ވޯޓަށް އެކުލަވައިލި ވޯޓާސް ލިސްޓްގެ ޑްރާފްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށާއި އޮބްޒާވަރުންނާއި މޮނިޓަރުން ރަޖިސްޓްރީކުރުމުގެ ހުރިހާ ކަމެއް ވެސް ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ވޯޓުކަރުދާސް ޗާޕްކުރުމާއި އައްޑުއަށް ފޮނުވަން ޖެހޭ ވޯޓުފޮށިތަކާއި އެހެނިހެން ތަކެތި ހަމަކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތައްޔާރުވުުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް މިހާރު އެހެރީ ނިމިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި، އިދާރީ ގޮތުން އެހެން ހުރި ހުރިހާ ކަމެއް ނިމި، އަނެއް ހެން ބުނަންޏާ އިދާރީ ގޮތުން އަޅުގަނޑުމެން ކުރަން ހުރި ހުރިހާ ތައްޔާރީތައް ވެ ނިމިފައި މިތިބީ،" ޒާހިދު ވިދާޅުވި އެވެ.
އައްޑޫ ރިފަރެންޑަމްގައި ވޯޓުލާން ރީރެޖިސްޓްރީ ވާން ހުޅުވައިލި މުހުލަތު މިއަދު ހަވީރު ވަނީ ހަމަވެފަ އެވެ. ޒާހިދު ވިދާޅުވީ އެ މުހުލަތު ހަމަވި އިރު ރީރަޖިސްޓްރީވާން ހުށަހެޅީ 255 މީހުން ކަމަށާއި އޭގެ ތެރެއިން 248 މީހުން ރީރަޖިސްޓްރީ ކުރުމުގެ ޕްރޮސެސް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރީރަޖިސްޓްރީވާން އެ އަދަދަަށް މީހުން ހުށަހަޅާފައި ވުމުން ދޭހަވަނީ ހިޔާލު ހޯދުމުގެ އެ ވޯޓަށް ރަނގަޅު ތަރުހީބެއް އޮތްކަމެވެ.
"އެ ތިން ރަށު [ހުޅުދޫ މީދޫ އަދި ފޭދޫ]ގެ ރައްޔިތުން އެ ނިންމުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި މިންވަރު އަޅުގަނޑުމެންނަށް ދޭހަކޮށްދޭ އޭގެން ވެސް،" ޒާހިދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން ފޭދޫން 4،355 މީހަކަށް މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބޭއިރު، ހުޅުދޫން 2،874 މީހަކަށް އަދި މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ މި މަހުގެ 12 ގައި އިސްލާހު ކުރައްވައިފަ އެވެ.
ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު ވަނީ އުނިކުރައްވައިފަ އެވެ. އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓުގައި ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި އެ ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބަހައްޓާނެ އެވެ.