އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ އައްޑޫ ރިފަރެންޑަމް ވޯޓުގައި، މި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަކި ނަތީޖާއެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ލ. އަތޮޅުގައި މީހުން ދިރިއުޅެމުންދާ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައި، މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އައްޑޫ ސިޓީގެ މަރަދޫ، ފޭދޫ އަދި އަދި ހުޅުދޫގެ ރައްޔިތުންގެ ފަރާތުން، ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި އޮތުމުން އެކަން ހައްލުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ޤާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއްކަން ފާހަގަ ކުރެއްވިއެވެ.
ރައީސް މުޢިއްޒު ތަކުރާރުކުރައްވައި ވިދާޅުވީ އެ ތިން ރަށުގެ ރައްޔިތުން ނިންމަވާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމެވުން ކަމަށެވެ.
”މިކަމުގައި ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން އެބަ ގެންދަވާ. ވަކި ކައުންސިލްތަކެއް ހަދަން މި ތިން ރަށުގެ ރައްޔިތުން ނިންމަވައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ. އެގޮތުން މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތައް ހަދަން ރައްޔިތުން ނިންމަވައިފިނަމަ ހުޅުދޫ، މީދޫ އަދި ފޭދޫ ކައުންސިލަށް ވަކި ބަޖެޓު ލިބޭނެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މިހާރު އާބާދީއާއި އެހެނިހެން ގޮތްގޮތުން ބަލާއިރު، ބްލޮކް ގްރާންޓް ދޫކުރުމަށް ނިންމަވާފައިވާ ގޮތުން، ފޭދޫ ކައުންސިލަށް އަހަރަކު ބްލޮކް ގްރާންޓްގެ ގޮތުގައި 25 ވަރަކަށް މިލިއަން ރުފިޔާ، ހުޅުދޫ ކައުންސިލަށް ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަން އަދި މީދޫ ކައުންސިލަށް ބްލޮކް ގްރާންޓްގެ ގޮތުގައި ގާތްގަޑަކަށް 18 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
މި އަންނަ ހޮނިހިރު ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުން، އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލުތައް އުފައްދަން ނުވަތަ، އެނޫން އެހެންގޮތަކަށް ނިންމެވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.