ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން އެމްއޭސީއެލާ ހަވާލުކޮށްފި

ހައްދުންމަތީ ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްއޭސީއެލާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ކައްދޫ އެއާޕޯޓު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އޮޕަރޭޓް ކުރުމާއި ފޮނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ އެމްއޭސީއެލް އާ ހަވާލުކޮށްފައެވެ.

އެ މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މި މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ބޭނުމަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ކައްދޫ އެއާޕޯޓު ތަރައްގީ ކުރަނީ 2،800 މީޓަރުގެ ދިގު ރަންވޭއަކާއެކުއެވެ.
އަދި އެ މަސައްކަތްތައް ކުރަނީ ކައްދޫ ސިފައިންގެ މަރުކަޒު، އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *