މީޑިއާ ކޮމިޝަންގެ މެންބަރުންނަށް މަޖިލީހުން ރުހުންދީފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިދިޔަ އާދީއްތަ ދުވަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ އާ ކޮމިޝަނަށް ނަންތައް ހުށަހެޅި ފަރާތްތަކާ އިންޓަވިއުކޮށް، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ ނަން ތަޅުމަށް ފޮނުވައިފައެވެ.

އެ މެންބަރުންނަށް ރުހުން ދިނުމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުން އިއްޔެގެ މަޖިލިސް ޖަލްސާއަށް ތާވަލު ކުރިނަމަވެސް ހާޒިރުވީ މެންބަރުން މަދުވުމުގެ ސަބަބުން، އެ ވޯޓަށް އިއްޔެ އަހާފައެއް ނުވެއެވެ.

މިއަދުގެ ވޯޓުގައި ބައިވެރިިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ފަރުސަތާއި ސަފާއާއި ސަރާހަތު، އާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު، އެ ތިން ބޭފުޅުން އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރެކެވެ.

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ފަރާތުން މެންބަރުން އައްޔަންކޮށްފައެވެ.

އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *