ލ. އިސްދޫގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހިއްސާކުރައްވައިފިއެވެ.
އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސްއާ އިސްދޫ ކައުންސިލުން ހިއްސާކުރައްވާފައި ވަނީ ލ. އަތޮޅުފެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އިސްދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އިސްދޫ ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ކަރަންޓާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ބޭނުންނުކުރެވޭ ޖަނަރޭޓަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އިސްދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް 8 ކްލާސްރޫމް ބޭނުންވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ޞިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުންނާއި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އިސްދޫގެ ފުޓްސަލް ދަނޑުގެ ޓަރފް ބަދަކޮށްދެއްވުމަށާއި ދުވާ ޓުރެކެއް ގާއިމު ކޮށްދެއްވުމާއި، އެ ރަށަށް އިންޑޯރ ބެޑްމިންޓަން ކޯޓެއް ބޭނުންވާކަންވެސް ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ހެރިޓޭޖް ޑިވެލްޕްމެންޓް ޕްލޭން ވެސް ކައުންސިލުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މިގޮތުން ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ އިސްދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


